
SHARE
ހދ. ކުރިނބީ ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލީ ވިޝާމް އިންތިހާބުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލްކައުންސިލް އިންތިހާބުގައި ވިޝާމް ކަައުންސިލް ރައީސްގެ މަގާމު ކާމިޔާބުކުރެއްވި މައި ދެ ޕާޓީކަމަށްވާ ޕީއެންސީއާއި އެމްޑީޕީއާ ވާދަކޮށްގެންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޢަލީ ވިޝާމް އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. އެއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ 130 ވޯޓެވެ. އަދި މިހާރުގެ ކުރިނބީ ކައުންސިލްގެ ރައީސް، ޕީއެންސީގެ ކެނޑިޑޭޓް ޢަބްދުﷲ އަސްލަމަށް ލިބުނީ 128 ވޯޓެވެ.
އެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި މިނިވަން ކެނޑިޑޭޓަކު ކާމިޔާބުކުރި ނަމަވެސް، ކުރިނބީ ކައުންސިލްގެ އެހެން ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑި އެމްޑީޕީގެ ފާތިމަތު ރިފާ ކާމިޔާބުކުރީ 238 ވޯޓުންނެވެ. އަދި ކައުންސިލް މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ޢަބްދުﷲ ނާފިޒް ކާމިޔާބުކުރީ 247 ވޯޓާއެކުގައެވެ.





