
SHARE
ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް، އާންމުންނަށް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގޭހުގެ އައު ޝިޕްމަންޓް އިއްޔެ ލިބިފައިވާ ކަމަށެވެ. މި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި، އެކަމަށް ހާއްސަ އިސްކަމެއް ދީގެން ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެސްޓީއޯއިން ފާހަގަކުރިއެވެ.
ގޭހުގެ އައު ޝިޕްމަންޓް ގެނެސް މާކެޓަށް ނެރެފައިވާއިރު، މާލެ ސަރަހައްދުގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން މިހާރު ވަނީ ފަށާފައެވެ. މިއީ ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މިދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި 5 ކިލޯގެ ގޭސް ވިއްކާފައެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، އަލުން 10 ކިލޯގެ ގޭސް ފުޅި ލިބޭނެ ގޮތް މޯލްޑިިވް ގޭހުން މިހާރު ވަނީ ހަމަޖައްސާފައެވެ.




.jpeg&w=3840&q=75)

