ދަރިވަރަކު އިންޑިޔާގެ އަންހެން ޓީޗަރަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގުކުރަނީ

އަޙްމަދު ސަދޫފް މޫސާ

ގދ. އަތޮޅު މަދަރުސާ ހުންނަ ގދ. ގައްދޫ --
SHARE
ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ގދ. ގައްދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ މުދައްރިސަކަށް ދަރިވަރަކު އަނިޔާކުރި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:46 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި މުދައްރިސަކީ އިންޑިއާއަށް ނިސްބަތްވާ އަންހެނެކެވެ.
އަނިޔާވި މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫ ހެލްތު ސެންޓަރުގައެވެ. ނަމަވެސް، އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ މިހާރު ވަނީ ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުމި މައްސަލަ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ދަރިވަރު މުދައްރިސަށް އަނިޔާކުރަން މެދުވެރިވި ސަބަބެއް ނުވަތަ ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.




