ދެވަނަ ބުރުގެ ވޯޓް އޮތީ 5 ރަށެއްގައި: ބޮޑު ރަށަކަށް ފުވައްމުލަކު ސިޓީ

އަޙްމަދު ސަދޫފް މޫސާ

SHARE
އެޕްރީލް ހަތަރެއް ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ހަމަޖެހިފައިވަނީ ފަސް ރަށެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރު ބުރެއް ބާއްވަނީ ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އަށެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރު ބާއްވަނީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށެވެ.
މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުތައް ޤާއިމުކުރާނީ ވޯޓުލާ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށާއި ސިޓީގެ އިތުރުން މާލެ ސިޓީގައި ކަމަށެވެ.

.jpg&w=3840&q=75)


