ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖެއްސުމުން ދިވެހި ސަރުކާރުގެ ތައުރީފު

އަޙްމަދު ސަދޫފް މޫސާ

SHARE
ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މިއަދު މަރުޙަބާކިޔައި އެ ނިންމުމަށް ތައުރީފުކޮށްފިއެވެ.

ދިވެހި ސަރުކާރުން މިކަމާ ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ، ފޯޅަވަހީގެ މުސްތަޤުބަލާ ގުޅޭގޮތުންނާއި އެ ތަން ހިންގުމާ ގުޅޭ އެކި ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ މަސްލަހަތު އޮތްކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ މި ނިންމުމާއެކު، ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއަށް އަލުން މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާނެ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާވެސް ގުޅުންހުރި މައްސަލައަކަށް ވުމާއެކު، މި ނިންމުމަކީ ރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.




