ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލައިފި

އަޙްމަދު ސަދޫފް މޫސާ
.jpg&w=3840&q=75)
އިންތިހާބުތައް 2026: ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
SHARE
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ، ހުރިހާ ފައިލެއްގެ ޖުމްލަ ސައިޒް 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި، ކޮމިޝަނަށް ފޯމު ލިބުނުކަން ކެންޑިޑޭޓުން ކަށަވަރު ކުރަންވާނެ ކަމަށް އީސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ) އިން އެ ފުރުސަތު ލިބޭނެއެވެ. ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.


.jpg&w=3840&q=75)


