logo

ރާޅުގަނޑު ސިމެންތި ފެނުން ތަޣައްޔަރުވެފައި: ހައްލެއް ނުލިބި އެތަކެއް އަހަރުތަކެއް!

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

16 އޭޕްރީލު 2026 - 08:12
ރާޅުގަނޑު ސިމެންތި ފެނުން ތަޣައްޔަރުވެފައި: ހައްލެއް ނުލިބި އެތަކެއް އަހަރުތަކެއް!

SHARE

"އެކަން ހައްލެއް ނުވޭ. އޭގެ ހައްލު ހޯދަން ސިޓީ ކައުންސިލާ ވާހަކަތަކެއް ދައްކާތާ ވަރަށް ޒަމާންވެއްޖެ. ދެން އަހަރުތަކެއް، އެ ދިމާލަށް ހޮޅި އަޅާފައި އޮންނަތާ ވީހާ ދުވަހެއް އެކަން އެހެން ހިނގާތާ،"

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ރާއްޖޭގެ ރާޅާއެޅުމުގެ "ހިތް"ކަމުގައިވާ ރާޅުގަނޑަށް ކޮންސްޓްރަކްޝަން ސައިޓުތަކުގެ ކުނި ފެން އަޅާތީ، އެކަމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސައިން ނިޒާމް(ނިޒޯ)އަށް ގުޅުމުން އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކައެވެ. މިވާހަކަ މިހެން ތަކުރާރުކޮށް ނިޒޯމެން ދައްކާތާ މިހާރު ވީހާ ދުވަހެއް ވީއެވެ. އެހެންކަމުން އެވާހަކަތައް ދައްކަމުން އެ އުދާސްތައް ބަންޑުނުކުރެވޭ ވަރެއް ނޫންތާއެވެ.

ހުޅަނގު މޫސުމުގެ ހަޅައާއެކު ރާޅުގަނޑުގެ ރާޅުތައް ކުޑަވެ އޮއިވަރު މަޑުވުމާއެކު ހެންވޭރު ރާޅުގަނޑު ސަރަހައްދުން މޫދަށް ދޫކޮށްލައިފައި ހުންނަ ހޮޅިތަކުން ބާރު ސްޕީޑުގައި ނުކުންނަ ފެނުން މުޅި ސަރަހައްދު ތަޣައްޔަރުކޮށްލާ ވާހަކަ ނިޒޯމެން މިހެން ތިބެ ދައްކާތާ ލައްކަ ޒަމާންވެއްޖެއެވެ. މިއަދުގެ އެރި އިރާއެކު އަނެއްކާ ވެސް މިވާހަކަތައް މިހާބޮޑަށް ވައިގައި ހިފީ، ރާޅުގަނޑުގެ ނޫ ސަރަހައްދު އެއްކޮށް ހުދުވެފައި އޮތް މަންޒަރު ނިޒޯމެންނަށް ފެނިގެންނެވެ.

"އަޅުަގަނޑުމެން ރާޅާ އަޅާ ކުދިންގެ ހުންނަ ކޮމިއުނިޓީ ގްރޫޕުގައި ކެކި އުތުރު އަރަނީދޯ ކުދިން. ދެން އެހެންދޯ އެކަން އޮންނާނީ މިކަހަލަ ސިޓުއޭޝަނެއްގައި އަމުދުން.،" އެ މަންޒަރު ފެނުމުން އެ ގްރޫޕުގައި ދެއްކި ވާހަކަތައް އިޝާރަތްކުރައްވަމުން ނިޒޯ ވިދާޅުވިއެވެ.

ނިޒޯމެން ވިދާޅުވާހެން، މިއީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެކަމަކު މިހެން މިކަމަށް ޙައްލެއް ނުލިބި ދިގުލައިގެން ދާތާ މިހާރު ގާތްގަޑަކަށް އެތައް އަހަރެއް ވަނީއެވެ.

/

އެކަމުގެ ކަންބޮޑުވުން މިއަދު ސޯޝަލް މީޑިޔާއަށް ތިލަކުރި، ނިމުނު ލޯކަލް ކައުންސިލުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރި އަހްމަދު އައިހަމް ވެސް ފާހަގަކުރީ އެވާހަކައެވެ. މި ކަންބޮޑުވުންތައް ސިޓީ ކައުންސިލާއި ދައުލަތުގެ ވުޒާރާތަކާއި ހިއްސާކުރާތާ ވީ ޒަމާނުގެ ވާހަކައެވެ.

"މި ވާހަކަތައް މިހެން ދައްކާތާ އަހަރުތަކެއް ވެއްޖެ. ބްރިޖު އެޅިއިރުވެސް އަދި ރައީސް ޔާމީންގެ ދައުރުގައިވެސް ކޮންސްޓަންޓްލީ ރާޅުގަނޑަށް މިދަނީ ފެން ޕަންޕުކުރަމުން. މިހާރުވެސް ހަތަރު ސައިޓަކުން އެބަ ޕަންޕުކުރޭ،" އައިހަމް ވިދާޅުވިއެވެ.

View post on Twitter

/

އައިހަމް ވިދާޅުވީ އެ މައްސަލައިގައި 2019 ވަނަ އަަހަރު އޭރު އޮތް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ރިޕޯޓުކުރި ކަމަށާއި، އެހެން ނަމަވެސް އެ މައްސަލައިގައި އީޕީއޭގެ އެއްވެސް ޖަވާބެއް ވެސް ނުލިބޭކަމަށެވެ.

މި ކެމިކަލު ފެނުގެ ނުރައްކާ އޮތީ ހަމައެކަނި ރާޅުގަނޑަށް ފައިބާ ކުދިންނަކަށް ނޫނެވެ. އޮއެވަރު ބަދަލުވާ ގަޑީގައި ހަމަ އެ ފެންތައް އާޓިފިޝަލް ބީޗަށް ވެސް ވަންނަ ކަން ނިޒޯ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އާޓިފިޝަލް ބީޗަށް ފައިބާ އެތަކެއް މީހުންނަށް ނޭނގި ނަމަވެސް ސިއްޚީ ބޮޑު ގެއްލުމަކާ ކުރިމަތިލާކަން ނިޒޯ ފާހަގަކުރެއްވިއެވެ.

"އަސްލު އެ އޮއެވަރު ބަދަލުވާ ގަޑީގައި އޭތި ހަމަ ސީދާ ވަންނަނީ އާޓިފިޝަލް ބީޗަށް. ހަމަ އެ ދިމާލުން އެތެރެއަށް. އެތަނަށް ވަރަށް މީހުން އެރޭނެ ދެއްތޯ. ހަމަ ހުކުރު ދުވަހެއް އައިސިއްޔާމުން މުޅިތަން އެ އޮންނަނީ ފުރިފައި،" ނިޒޯ ވިދާޅުވިއެވެ.

View post on Twitter

ނިޒޯ ވިދާޅުވީ ބައިނަލްއަގުވާމީ ބޮޑެތި މުބާރަތްތައް ބޭއްވިއިރު ވެސް އެ ހޮޅިތައް އެހެން ހުރި ކަމަށާއި، މުބާރަތްތައް އޮންނަ ދުވަސްކޮޅާ ދިމާކޮށް އެ ހޮޅިތަކުން ފެން ދޫކުރުން ހުއްޓުވާ ކަމަށެވެ. އެހެން ނަމަވެސް އެ މުބާރަތްތައް ނިމުމުން އަނެއްކާ ވެސް މޫދަށް އެ ފެން ދޫކުރާކަން ނިޒޯ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މިހާރުގެ މޭޔަރު އާދަމް އާޒިމްއާއި ސިޓީ ކައުންސިލުގެ މެންބަރުންނާ ގިނަ މަޝްވަރާތަކެއް ކުރެވުނުކަމަށް ނިޒޯ ވިދާޅުވިއެވެ. އަދި ކުރިޔަށް އައު ކައުންސިލު ހުވާކުރުމަށްފަހު އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ދީފައިވާ ކަމަށް ނިޒޯ ވިދާޅުވިއެވެ.

އެހެން ނަމަވެސް ނިޒޯ ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލަށް މިހާރުގެ މޭޔަރު އާދަމް އާޒިމް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް އެ ޔަގީންކަން ދެއްވިއެވެ.

"ވަރަށް ޒަމާންވީ ކަމެއް މިއީ. އިހުމާލުވޭ ވަރަށް ގިނަ ފަރާތްތައް. އަޅުގަނޑުމެން ދެން ކޮންމެ ގޮތެއް ވިޔަސް ވަކި މީހަކަށް ޕޮއިންޓް ކުރާކަށް ބޭނުމެއް ނޫން މިހާރު. ވަރަށް ޒަމާންތަކެއްވީ މައްސަލައެއް މިއީ. އެ ހޮޅިތައް އަޅާފައި އޮންނަތާ އެތައް ދުވަހެއް މިހާރުވެސް ވެއްޖެ.،" ކަންބޮޑުވުމާއެކު ނިޒޯ ވިދާޅުވިއެވެ.

މި މައްސަލައިގައި "ނުކުތާ"ގެ ފަރާތުން މި ރިޕޯޓަށް ބަހެއް ހޯދަން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/