އަމާން ދޯދި ފްލެޓްތައް ކައިރީ ބަހުގެ ޚިދުމަތް ފަށަން ސިޓީ ކައުންސިލުން އަންގައިފި
ސައިފުﷲ އަލީ
.jpeg&w=3840&q=75)
SHARE
ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި އަމާން ދޯދި ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން އެމްޓީސީސީއަށް އަންގައިފިއެވެ.

ހުޅުމާލޭގެ ފޭސް 2 ގެ ރީތިގަސް މަގާއި ފިތުރޯނުމަގުގައި ހުރި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި އެއް މަސް ދުވަހުގެ ތެރޭގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމް އެމްޓީސީސީއަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހުށަހެޅި އެ ހުށަހެޅުން ފާސްވީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ސޮއިކުރައްވައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއަށް ފޮނުވި ސިޓީގައި ވަނީ ހުޅުމާލޭގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ބަހުގެ ޚިދުމަތް ނެތުމުން އުމުރުން ދުވަސްވީ މީހުންނަށާއި ސްކޫލް ކުދިންނަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ހުޅުމާލެ ފޭސް 2 ގެ އާބާދީ އިތުރުވެފައިވާއިރު، އާންމު ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެފައިވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީ އަވަސް މުއްދަތެއްގެ ތެރޭގައި އެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ފެށުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.
އެމްޓީސީސީން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި ވެސް ކާމިޔާބުކަމާއެކު ބަހުގެ ޚިދުމަތް ދެމުންނެވެ.

.jpg&w=3840&q=75)
