މާލޭގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރަން އަންނަ ކައުންސިލްތަކަށް ހިލޭ ޖާގަ ދެނީ
އައިޝަތު ހިދާޔާ

SHARE
މާލެ ސިޓީގައި ދިރިއުޅޭ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާނަމަ އެ ކައުންސިލްތަކަށް ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ރަސްމީ ޢާއްމު ޖަލްސާގައެވެ.
މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލެ ސިޓީގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީއަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޝްވާން ޢަލީ ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގައި ގިނަ ޢަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ މިއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއީލް ހަލީމް ވިދާޅުވީ، މި ކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އަލަތު ކައިވެނީގެ ހަފުލާއަށް ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް ވެސް މިފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.
.jpeg&w=3840&q=75)
.jpg&w=3840&q=75)
