ޒިކުރާ މިސްކިތަށް ދުމާއި ވަސް ވަންނާތީ ފުޑް ބިސްޓްރޯ ބަންދުކޮށްފި
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
ޒިކުރާ މިސްކިތަށް ދުމާއި ވަސް ވަންނާތީ، ކުދީނާގޯޅީގައި ހިންގަމުން އަންނަ ފުޑް ބިސްޓްރޯގެ ދުންހޮޅި ރަނގަޅު ކުރަންދެން އެ ތަން ވަގުތީގޮތުން ބަންދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ކުދީނާގޯޅީގައި ހުންނަ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް ވަންނަ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. މި ކަމާ ގުޅިގެން، އެ ތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުން އެތައް ފަހަރަކު ގޮސް ނަސޭހަތް ދީފައިވެއެވެ. ނަމަވެސް، ތަކުރާރުކޮށް ދިން އިންޒާރުތަކަށް ފަހު ވެސް، އެ ތަނުގެ ވެރިން އެ މައްސަލަ ރަނގަޅުކޮށްފައެއް ނުވެއެވެ.
މި މައްސަލަ އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ފާއިތުވި ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައެވެ. ފުޑް ބިސްޓްރޯއިން ކައްކަމުން ދިޔަ ތަކެތީގެ މިރުސްވަހުގެ ސަބަބުން، ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ކޮށިއަރައި، ނަމާދުކުރަން އުނދަގޫވާ ދަރަޖައަށް ކަންތައްތައް ދިޔައެވެ. މި ކަމާ ގުޅިގެން ލިބުނު ގިނަ ޝަކުވާތަކަކާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ތަން ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައެވެ. އެއީ ދުންހޮޅީގެ މައްސަލަ ހައްލުކުރަންދެން އާންމުންނަށް އަދި ނަމާދުކުރާ މީހުންނަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ މަގުސަދުގައެވެ.
ފުޑް ބިސްޓްރޯ ބަންދުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން އެ ތަނަށް ވަނުމާއެކު، އެ ތަނުގައި ތިބި ގިނަ ބަޔަކު ވަނީ ފިލާފައެވެ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ވަގުތު ކައްކަން ތިބި ބިދޭސީ މަސައްކަތްތެރިންނާއި، ހިދުމަތް ހޯދަން ގޮސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކުއްލި ގޮތަކަށް އެ ތަނުން ދުވެ ފިލާފައެވެ. މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އަންނަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
.jpeg&w=3840&q=75)

