އިންތިގާލީ ވެރިކަމެއް ގެންނަ ވާހަކަ އެމްޑީޕީން ދައްކަނީ ބަލިވެ، ހިތަށް ކުޅަދާނަ ނުވެގެން: ޖާބިރު

އަޙްމަދު ސަދޫފް މޫސާ

SHARE
އިންތިގާލީ ވެރިކަމެއް ގެންނަން ޖެހޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަކީ ރިޔާސީ އިންތިހާބުން ވި ބައްޔާއެކު ހިތަށް ކުޅަދާނަ ނުވެގެން ދައްކާ ވާހަކަތަކެއް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރެފަރެންޑަމް ވޯޓުން ރައްޔިތުންގެ ބަސް ވަކި ގޮތަކަށް އިއްވުމަކީ އިންތިގާލީ ވެރިކަމެއް ގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ރައްޔިތުން ހޮވީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި، އެފަދަ ޣައިރު ޒިންމާދާރު ވާހަކަތައް ދެއްކުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރު ދުވަހަށް އިންތިޚާބު ކުރައްވާފައި ރައްޔިތުން މި އޮތީ ވަރަށް ބޮޑު މެޖޯރިޓީއަކުން. އެމްޑީޕީއެއް ނޫނެކޭ ބުނެފައި އެހެން ނޫންތޯ. އެމްޑީޕީގެ ކެންޑިޑޭޓަށް ނޫނެކޭ، ރައީސް ޑޮކްޓަރ. މުޙައްމަދު މުޢިއްޒަށް އާއެކޭ ބުނެފައި ވަނީ ރައްޔިތުން،" ޖާބިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނަފުރަތު ކުރަންވާނީވެސް ވަކިވަރަކަށް ކަމަށާއި، މިފަދަ ވާހަކަތަކަކީ ބަލި ގަބޫލުކުރަން އުނދަގޫވުމުން ދައްކާ ވާހަކަތަކެއް ކަމަށެވެ.
ހިތަށް ކުޅަދާނަނުވެގެން ދައްކާ ކަހަލަ ވާހަކަ އެ ހުންނަނީ އެހެންނޫންތޯ. ނައިފަރު ދޮހޮއްކޮ ކިޔާ ލަވައެއްގައިވެސް އޮވޭ އެ ކަހަލަ ވާހަކައެއް ނޫންތޯ ނަފުރަތުކުރަންވެސް ވާނީ ވަކިވަރަކަށޭ، ހިތަށް ކުޅަދާނަވާ މިންވަރަކަށޭ އެ ކަންތައްތައް ކުރަން ޖެހޭނީ، - ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު
މީގެ އިތުރުން، ދާދި ފަހުން ބޭއްވުނު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ކާމިޔާބީއަށް ޖާބިރު ވަނީ މަރުހަބާ ދަންނަވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ އެ ޕާޓީން ހޯދި "އެކްސެލެންޓް" ކާމިޔާބީއެކެވެ. މި ކާމިޔާބީއަކީ ރައީސް މުޢިއްޒާއި މުޅި ސަރުކާރު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުތަކުގައި ޖާބިރު ވަނީ އަމަލީ ގޮތުން ޕީއެންސީގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އޭނާ ހުންނެވީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ތާއިދުކޮށް، ސަރުކާރާއެކު ސާބިތުވެ ކަމަށެވެ.



