ސިނާ ފަހަތަށް ޖެހި، އައްޑޫ ބައި އިލެކްޝަނުގައި ވާދަނުކުރަން ނިންމަވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން (ސިނާ)، އިންތިހާބުގައި ވާދަނުކުރަން ނިންމައި ފަހަތަށް ޖެހިވަޑައިގެންފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސިނާ ވިދާޅުވީ، ވޭތުވެދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މި ގޮނޑި ޕާޓީއަށް ކާމިޔާބުވުމަށް އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހި އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށެވެ. އަދި މި ނިންމުން ޕާޓީގެ ރައީސާއި ލީޑަޝިޕުން ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިނާ އިތުރަށް ވިދާޅުވީ ޕްރައިމަރީގައި އޭނާއަށް ތާއީދުކުރި މެންބަރުންނަށް ޝުކުރު އަދާކުރާ ކަމަށާއި، އިންތިހާބުގައި ވާދަނުކުރި ނަމަވެސް ޕާޓީން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑު ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ،" ސިނާ ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ސިނާގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާތީ، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ޕީއެންސީގެ ޕްރައިމަރީގައި ސިނާއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 727 މީހުންނަށް ލިބިފައިވެއެވެ.
މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިނުލާތީ، ޕްރައިމަރީއަކާ ނުލައި ސޯބެއަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.


