logo

ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވާތީ ފިޔަވަޅުއަޅައިދޭން މީކާއިލް އެދިއްޖެ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

26 އޭޕްރީލު 2026 - 11:36
ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވާތީ ފިޔަވަޅުއަޅައިދޭން މީކާއިލް އެދިއްޖެ

އިބްރާހީމް ވަހީދު (އިބުރޭ) --

SHARE

އެމްޑީޕީގެ ދާއިމީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިނުގައި ޕާޓީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ހަރަކާތްތެރިވާތީ އޭނާއަށް ފިޔަވަޅު އެޅުމަށް އެ އިންތިހާބުގައި ނަޝީދުއާ ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް ފޮނުއްވި ސިޓީއެއްގައި މީކާއިލް ވިދާޅުވި ގޮތުގައި، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ. އަދި މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯ އަދި ވީޑިއޯތަކުން އެކަން ކަށަވަރުވާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ މެންބަރުންގެ ކަންކަމާއި އިންތިޚާބުތައް ހިންގުމާ ހަވާލުވެ ހުންނަވާ ފަރާތަށް ވާއިރު، އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ވަކި އަތަކަށް ނުޖެހޭ، ނަޒާހަތްތެރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން އިބުރޭ ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕޭނުގައި އުޅުއްވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ނާޖާއިޒު ފައިދާ އެ ކެންޑިޑޭޓަށް ފޯރުކޮށްދީ، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެގޮތަށް ޕާޓީގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅަކު ވަކި ބޭފުޅަކަށް ބައިއަތު ހިފުމަކީ، އެހެން ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އޭނާ މި އިންތިޚާބަށް ކުރިމަތިލެއްވީ އާންމު މެންބަރުންގެ ގެއްލިފައިވާ އިތުބާރު ހޯދައިދީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ. އެހެންކަމުން، އިންތިޚާބުގެ ކެމްޕޭން މުއްދަތުގައި އިބްރާހީމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ ބައްލަވައި، ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް ގަޕޯގެ ކިބައިން މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d