ސިފައިންނަކީ ރައްޔިތުންގެ ހިމާޔަތުގައި އޮތް އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރު: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ދިގު ހިދުމަތުގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރިންނެއް ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ދިވެހި ގައުމަށްޓަކައި ސިފައިން ރެޔާއި ދުވާލު ކުރަމުންދާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި، އެ ހިދުމަތަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. އަދި ސިފައިންގެ ހިދުމަތަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ ވަރުގަދަ ތަނބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.




