logo

ހައްޖާއި އުމްރާގެ ކަންތައްތަކާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

22 އޭޕްރީލު 2026 - 07:05
ހައްޖާއި އުމްރާގެ ކަންތައްތަކާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

SHARE

ރާއްޖޭގެ ހައްޖާއި އުމްރާގެ ކަންތައްތައް ހަރުދަނާކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އުމްރާގެ އަޅުކަމަށް މީހުން ގެންދާ ކުންފުނިތަކުން އިހުމާލުވާ މައްސަލައަށް އޮތް އަދުލުވެރި ހައްލަކީ ހާއްސަ ގާނޫނެއް އެކުލަވާލުން ކަމަށެވެ. މެންބަރު ހުސްނީ ފާހަގަކުރެއްވި ގޮތުގައި، ގަވައިދުތަކަށް ބަދަލު ގެނައި ނަމަވެސް ކުންފުނިތަކުގެ އިހުމާލުގެ މައްސަލަތައް ހުއްޓުމަކަށް ނާދެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އަލަށް އެކުލަވާލާ ގާނޫނުގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށެވެ.

"ގާނޫނުގެ ތެރޭގައި އެމީހުން ކުރާ ކުށްތަކަށް އަދަބު ދެވޭނެ ނުވަތަ ގާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ނިޒާމެއް ގާއިމްކުރެވޭނެ. ހަގީގަތުގައި މިކަމަކީ ކުރަން ޖެހޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ ގިނަ އަދަދެއްގެ ފައިސާ އާއި ރައްޔިތުންގެ މަތީ މަސްލަހަތަކާ ގުޅިފައިވާ ކަމަކަށް ވާތީ، އެހެން ގައުމުތަކުގައި ވެސް މިކަން އޮންނަނީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ތަރުތީބުކުރެވިފައެވެ. އެހެންކަމުން ރާއްޖޭގައި ވެސް މިފަދަ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުވާނީ ހަރުދަނާ ގާނޫނީ ފިޔަވަޅުތަކެއް އެޅިގެންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މާދުރު ނޫން މުސްތަގްބަލެއްގައި މި ގާނޫނު އެކުލަވާލައި ނިންމަވާނެ ކަމަށެވެ. އަދި މި މަސައްކަތުގައި މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d