ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 (2 ރަބީޢުލްޢާޚިރް 1448) ގައެވެ. މިއީ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުން މާލެ ގެނައުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަހާސިންތާގެ އެންމެ ޚާއްޞަ އެއް ކަމަކީ މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ބައިވެރިވެވަޑައިގަތުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޝައިޚް ޔާސިރް އައްދައުސަރީއަށް މިހާރު ވަނީ މި މަހާސިންތާއަށް ދައުވަތު އަރުވާފައެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ވަރަށް މުހިންމު މުނާސަބަތަކަށް ވާނެއެވެ.
މިނިސްޓްރީން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ޙާފިޒުންނަށް ވެސް މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ޙާފިޒުން ތިބި އިރު، ޒުވާން ޚަޠީބުންގެ އަދަދަކީ 532 އެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން 1000 ޚަޠީބުން ހަމަކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
ވަޒީރު ވަނީ ޒުވާން ޚަޠީބުން މިހާރުން ފެށިގެން މި މަހާސިންތާއަށް ތައްޔާރުވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަސްތެރޭގައި މިނިސްޓްރީން ހުޅުވާލާނެއެވެ.


