ހައްޖަށް ހަތަރު ފްލައިޓެއްގައި މީހުން ގެންދާނެ، ފުރަތަމަ ގްރޫޕު ފުރުން 15ގައި

އަޙްމަދު ސަދޫފް މޫސާ

SHARE
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 15 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، މިފަހަރުގެ ހައްޖު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މި ދަތުރުތަކުގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބާއްވާ ދެ ދަތުރެވެ.
އަދި ބާކީ ދެ ފްލައިޓަކީ ސައުދިއާ އެއާލައިން އިން ބާއްވާ ދެ ދަތުރެވެ. މި އަހަރު ރާއްޖެއިން ހައްޖަށްދާ 1,000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:ފުރަތަމަ ފްލައިޓް: މި މަހުގެ 15 ގައި މެންދުރު ފަހު 3:25 ގައިދެވަނަ ފްލައިޓް: މި މަހުގެ 17 ގައި ފަތިހު 5:00 ގައިތިންވަނަ ފްލައިޓް: މި މަހުގެ 18 ގައި މެންދުރު ފަހު 3:25 ގައިހަތަރުވަނަ ފްލައިޓް: މި މަހުގެ 19 ގައި ހެނދުނު 9:30 ގައި
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިފަހަރު ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަހު މަޑުކުރާނެއެވެ. އަދި ހައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ "މައްކާ ރޫޓު" ގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.


