ޙައްޖު ދުވަހަކީ ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮދުޢާ ފޮނުއްވައިފިއެވެ.

1445 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖުގައި، ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި
ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށް ވަނީ ސިފަކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމަ އާއި ޘަވާބު ދިވެހި އެންމެހައި ރައްޔިތުންނަށް މިންވަރުކޮށްދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސް މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، މިވަގުތު މުޤައްދަސް ބިމުގައި ތިއްބެވި ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. ފަސްޓް ލޭޑީގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.


