ރާއްޖޭގައި ސްކައުޓް ފެށުނުތާ 70 އަހަރު ފުރުމުން ރައީސް ތަހުނިޔާ ފޮނުއްވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ދިވެހިރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްކައުޓް އާއިލާއަށް ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސް ދެއްވި ޚިޠާބުގައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަދި ނަފްސު އިސްލާހުކުރުމާއި ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބިނާކޮށްދޭ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ޒުވާނުން ގުޅުވައިދޭ ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައި ސްކައުޓުން ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމަށް ދިމާވި ކޮންމެ ބޮޑު ކާރިސާއެއްގައި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެސް ސްކައުޓުން ވަނީ އެއްވެސް ޖެހިލުމެއްނެތި ޤައުމީ ޚިދުމަތަށް ނުކުމެފައިވާ ކަމަށެވެ.
ސްކައުޓުންގެ ކިބައިގައި ހުންނަ އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއާ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއާޑް" އަކީ އެމަނިކުފާނުގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މަގުދައްކައިދިން އުސޫލުތައް ކަމަށެވެ.
އަދި ރާއްޖޭގެ ސްކައުޓް ހަރަކާތް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު އެރުވިއެވެ.


