ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަނީ
ސައިފުﷲ އަލީ

SHARE
ރާއްޖެއަށް މުދާ ފޮނުވުމުގެ ތަޖުރިބާހުރި ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ޓީމަކާއި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެކަން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު އިއުލާނުކުރައްވައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސޯދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ބޭއްވި ހާއްސަ މަޝްވަރާތަކަށް ފަހުގައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރޭވިފައިވާ ދަތުރެކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ޝިޕިންގެ ހިދުމަތް ފެށުމަށް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވަނީ ހާމަކުރައްވައިފައެވެ.
އެ ފޯރަމުގައި ވާހަކަދައްކަވަމުން ޝެހްބާޒް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމަށްޓަކައި 200 މިލިއަން ޑޮލަރުގެ އަމާޒަށް ވާސިލުވުން މުހިންމު ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ކަނޑާއި ވައިގެ މަގުން ސީދާ ދަތުރުކުރެވޭނެ ގޮތްތަކެއް ގާއިމުކުރުން ކޮންމެހެން ބޭނުންތެރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ގައުމުގެ ކަމާބެހޭ ވަޒީރުން އެކަމާ މަޝްވަރާކުރައްވައި ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ޝިޕިން ޕްލޭނެއް އެކުލަވާލުމަށް ބޮޑުވަޒީރު ޝެހްބާޒް ވަނީ އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މި ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ހަޖަހެވިފައިވުމަކީ މުހިންމު ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަވާން ޖެހެއެވެ. ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިގްތިސޯދީ މައިނާރު ކަމަށާއި ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދެ ގައުމުގެ ޝިޕިން، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ގާއިމުކުރުމަށް ރައީސް މުއިއްޒު ވަނީ ހިއްވަރު ދެއްވައިފައެވެ.

.jpeg&w=3840&q=75)
