logo

ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތް ހަދަނީ

ސައިފުﷲ އަލީ

24 އޮކްޓޯބަރު 2026 - 19:04
ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތް ހަދަނީ

SHARE

ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އައު އިންތިޒާމުގެ ދަށުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބޭންކުގެ ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

މީގެއިތުރުން، ޑޮލަރުން ލިބޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި ވިޔަފާރިތަކުން ބޭނުންކުރާ އެކި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށްވެސް ނޮވެމްބަރު މަހުގެ 1 އިން ފެށިގެން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، މާލީ ގޮތުން ބާރުވެރިވުމަށް މަގުފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް ފޯރުކޮށްދީފައިވާ މާލީ އެހީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެސްއެމްއީ ވިޔަފާރިތަކަށް 795 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މި ލޯނުތަކުގެ ސަބަބުން 1,000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް ބޮޑެތި މަންފާތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޖުލައި 15 ގައި ފެށި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d