ރާއްޖެއާއެކު ވިޔަފާރީގެ ނަތީޖާ ނެރެންވީ ވަގުތު ޖެހިއްޖެ: ޝެހެބާޒް
ސައިފުﷲ އަލީ
SHARE
ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކޮށް އަމަލީ ނަތީޖާ ނެރެންވީ ވަގުތު ޖެހިއްޖެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ފޯރަމެކެވެ.
ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޝެހްބާޒް ވިދާޅުވިއެވެ. އެހެންކަމުން މިއީ އަމަލީ ގޮތުން ނަތީޖާ ނެރެންވީ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތަކާއި ޝިޕިންގެ ހިދުމަތް ވީހާވެސް އަވަހަކަށް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަކީ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް ނުވަތަ އެހެން އެއާލައިނެއް މެދުވެރިކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ޝެހްބާޒް ވިދާޅުވިއެވެ. މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
"އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަންއަށް އިރުޝާދު ދީފައި އަވަސް ގޮތަކަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން، ޕީއޭ ނުވަތަ ޕާކިސްތާނުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނާއެކު ފުރަތަމަ ފްލައިޓް ރާއްޖެއަށް ކޮށް، ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުމާއި، އުފާވެރިކަން ހޯދުމަށް". ޝެހްބާޒް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވެސް ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެ ކަމުގެ މައުލޫމާތު ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ސިވިލް އެވިއޭޝަން ދާއިރާ ހިމެނޭހެން 20 ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި ވަނީ ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ.
.jpeg&w=3840&q=75)

