ޢީދުގެ އުފާފާޅު ކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
މި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، ޙައްޖުގެ މަތިވެރި އަޅުކަމުގައި ތިއްބެވި ދިވެހި އަޚުންނާއި އުޚުތުންގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ޢީދުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސްގެ ޚިޠާބުގައި އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކެއް އަދި ޙިކުމަތްތަކެއް އެކަމުގައި ލައްވާފައިވާ ޢީދެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އުޟްޙިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމަކީ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވަރުގަދަވާނެ ކަންކަން ކަމުގައިވެސް ވިދާޅުވިއެވެ.
ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޢީދުގެ ޙަޤީޤީ ޖައުހަރަކީ ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމަށެވެ. އަދި މިއީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއެކު ޢާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވަހި ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން، ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ޚިތާބުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، މި ޢީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުމަށާއި، ދިވެހި ޤައުމާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.


