މިދިޔަ މަހުގެ ކަރަންޓު ބިލަށް އެއްވެސް އުނިއިތުރެއް ނުގެންނަން : ފެނަކަ

އަޙްމަދު ސަދޫފް މޫސާ

ފެނަކަ -- ފޮޓޯ/ އަވަސް
SHARE
ނިމިދިޔަ މާރިޗު މަހުގެ ރީޑިން ނެގުމުގަ އާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އަމަލު ކޮށްފައިވާނީ އެހެން މަސްމަހުގައި ވެސް އަމަލު ކުރަމުންދާ އުސޫލުން ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުން ދީފިއެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރުމުގެ ސަބަބުން އެކަން ސާފުކޮށްދިނުމަށް ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ ބިލުތައް ތައްޔާރުކުރުމުގައި، އެހެން މަސްމަހުގެ ބިލުތަކާ އެއްވެސް ތަފާތެއް ގެނެސްފައެއް ނުވާނެއެވެ.
އެގޮތުން އެ ކުންފުނިން އަމަލުކުރަމުންދާ އުސޫލަކީ ގާނޫނާއި ގަވައިދުތަކުން ކަނޑައެޅި އާންމު ކުރެވިފައިވާ އުސޫލު ކަމަށާއި، އެ އުސޫލާއި ހިލާފަށް އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ. އަދި އެއްވެސް ބިލަކަށް އުނި އިތުރުކަމެއް ގެނެސްފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި އެ ކުންފުނިން ތައްޔާރު ކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮތްކަން ފެނަކައިން ފާހަގަކުރެއެވެ. އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ކޮންމެ އަހަރެއްގެ މާރިޗު މަހާއި އޭޕްރިލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްތައް ކަމުން މި ދުވަސްވަރަކީ ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވާ ދުވަސްވަރަކަށް ވާތީ، ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.


