މުވައްޒަފުން މަދުކުރަނީ ޚަރަދު ބޮޑުވެ ފެނަކައިގެ ހިންގުމަށް ދަތިވާތީ: އަފީފް

އަޙްމަދު ސަދޫފް މޫސާ

SHARE
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއެކު، ކުންފުނި "ރައިޓް ސައިޒް" ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ކުންފުނީގެ ހެޑް އޮފީހާއި އަތޮޅުތެރޭގެ ބްރާންޗުތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށްޓަކައި މިހާރު ވަނީ އެސެސްމަންޓްތަކެއް ފުރިހަމަކޮށްފައެވެ. އަފީފް ވިދާޅުވި ގޮތުގައި، ފެނަކައިގެ ބްރާންޗުތައް މިހާރު ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލާފައެވެ.
އެއީ ސިޓީތަކާއި، 1,000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބޭ ރަށްތަކާއި، 500 އާއި 1,000 އާ ދެމެދުގެ ރަށްތަކުގެ އިތުރުން 300 އާއި 500 އާ ދެމެދުގެ ރަށްތަކެވެ. އެންމެ ކުދި ބްރާންޗުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 300 އަށްވުރެ މަދު ކަސްޓަމަރުން ތިބޭ ރަށްތަކެވެ.
"ބައެއް ޔުނިޓްތަކުގައި ބޭނުންވާ ވަރަށް މުވައްޒަފުން ތިބި ނަމަވެސް، އަނެއްބައި ތަންތަނުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތްކަން ފާހަގަކުރެވުނު. އަދި ބައެއް ތަންތަނުގައި އެއްވެސް މަސައްކަތެއް ނެތި މުވައްޒަފުން ތިބިކަން ވެސް ފާހަގަވި. މީގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭތީ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފެށީ،" އަފީފް ވިދާޅުވިއެވެ.
ފެނަކައިގައި މިހާރު 8,000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މުސާރައަށް އެކަނި މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އަފީފް ހާމަކުރެއްވިއެވެ. މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށާއި، މީގެ ސަބަބުން ކުންފުނީގެ އަސާސީ ޚިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ބަޖެޓަށް ބުރަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ކުރިއަށްގެންދިޔަ އެކި މަޝްރޫޢުތަކަށް ނަގާފައިވާ ބައެއް މުވައްޒަފުންނަކީ އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ތިބި މުވައްޒަފުން ކަމަށާއި، އެ މަޝްރޫޢުތައް ހުއްޓިފައިވީ ނަމަވެސް އެ މީހުންނަށް މުސާރަ ދޭންޖެހުމަކީ ކުންފުންޏަށް އޮތް ބޮޑު ބުރައެއް ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލުކުރުމަށްޓަކައި ކުންފުނީގެ ބޯޑުން މިހާރު ވަނީ ރިޑަންޑަންސީ ޕޮލިސީއެއް ފާސްކޮށްފައެވެ. މި އުސޫލުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާ އެއްވަރުގެ ފައިސާގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އަދި ބާކީ ތިބި މުވައްޒަފުން އާ އޮނިގަނޑުގެ ތެރެއިން ޖާގަ އޮތް މިންވަރަކުން ވަޒީފާގައި ބައިތިއްބާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.


