ވިލާއިން އޭލެވެލް ހެދި ކުދިންގެ ރީޗެކް ގަޑިއަކަށް ނުފޮނުވުނު، ހައްލެއް ހޯދަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭލެވެލް އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ކޭމްބްރިޖް ނަތީޖާތައް ރީޗެކް ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ބެލެނިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އަމާޒުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވީ ވިލާ ހައި ސްކޫލުގެ ބެލެނިވެރިއެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ފިރާގު ވިދާޅުވި ގޮތުގައި، ކޭމްބްރިޖް އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރީޗެކް އެޕްލިކޭޝަންތައް ހުށަހަޅާފައި ނުވުމަކީ އިދާރީ ގޮތުން ހިނގާފައިވާ ވަރަށް ބޮޑު އިހުމާލެކެވެ.
އަދި މިފަދަ އިހުމާލުގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށް އަސަރުކުރުމުގެ އިތުރުން، އެ ސްކޫލުގެ އިދާރީ ޒިންމާދާރުކަމާއި ޖަވާބުދާރީވުމާ މެދު ފިރާގް ވަނީ ސުވާލުއުފައްދާފައެވެ.
"މީގެ ސަބަބުން ދަރިވަރުންގެ ނަތީޖާ މުރާޖައާ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް މިވަނީ ގެއްލިފައި. މިއީ އެކުދިންގެ ފައިނަލް ގްރޭޑްތަކަށާއި، ދުނިޔޭގެ މޮޅު ޔުނިވަރސިޓީތަކުން ފުރުސަތު ހޯދުމަށާއި، މުޅި ތައުލީމީ ކުރިމަގަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް،" ފިރާގު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިތުރު ބެލެނިވެރިންވެސް ވަނީ ސްކޫލުގެ އިދާރީ ހިންގުމަށް ފާޑުކިޔާފައެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި އެ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު ފާހަގަކުރި ގޮތުގައި، އެޑެކްސެލް ރީޗެކް ނަތީޖާތައް ލިބުނު ހިސާބުން ފެށިގެން ދަރިވަރުން ކޭމްބްރިޖް ރީޗެކާ ބެހޭގޮތުން ސުވާލުކުރަމުން ދިޔަ ނަމަވެސް، ސްކޫލަށް އެކަން ނުކުރެވި އޮތްކަން އެނގުނީ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
އަދި މިއީ ސްކޫލުން އަލަށް ކުރާ ކަމަކަށް ނުވާއިރު، އޮޅުމެއް އެރި ކަމަށް ބުނެ މި ޒިންމާއިން ރެކިނުގަނެވޭނެ ކަމަށް އެ ބެލެނެވެރިޔާ ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އަހްމަދު ވަހީދު "ނުކުތާ"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް އަސަރުކުރާނެކަން ގަބޫލުކުރާ ކަމަށާއި، ދަރިވަރުންނަށް ވީހާވެސް ރަނގަޅު ގޮތެއް ހޯދައިދިނުމަކީ ސްކޫލުގެ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.



