ރާއްޖޭގައި ތިބި ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގާ ނިމިއްޖެ: ރައީސް

އަޙްމަދު ސަދޫފް މޫސާ

ބިދޭސީން ރެގިއުލޭޓު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގުރާމެއްގެ ތެރެއިން -- މިހާރު
SHARE
ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ވަނީ ނަގާ ނިމިފައިވާ ކަމަށެވެ.
މިއީ މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އޮޕަރޭޝަން ކުރަނގިގެ ދަށުން ނެގި ބަޔޯމެޓްރިކްސްތަކުގެ މި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ. އެހެންކަމުން، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މި މަސައްކަތަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ބާކީ ތިބި މީހުން ހޯދައި، އެމީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގި އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދުގެ ތެރެއަށް ފެއްތުމަށް ނުވަތަ ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ފޮނުވާލުމަށް ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.
މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ބިދޭސީންގެ މައްސަލައަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.


