ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: މިނިސްޓަރު އިހްސާން

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ މުހިންމު މިޝަނެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ މަސައްކަތް ހޯމް މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" އާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހޯމް ޓީމާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ވަރުބަލިކަމެއް ނެތި، ނުހަނު އިހުލާސްތެރިކަމާއެކު މި އަމާޒަށް ވާސިލްވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް މި ދިގުލީ ގައުމީ މައްސަލަ ހައްލުކުރުމުގައި، މި އޮޕަރޭޝަންގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯދިފައިވާ މުހިންމު ކުރިއެރުންތަކަށްޓަކައި ރައީސް މުއިއްޒަށް މަރުހަބާ ދަންނަވަން،" މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން، އޮޕަރޭޝަން ކުރަނގީގައި ބައިވެރިވާ ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ފަރާތްތަކަށް އިހުލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.


