ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ޚަރަދު ކުޑަކުރަން, ވައުދާ ޚިލާފެއް ނުވަން: ރައީސް
އައިޝަތު ހިދާޔާ

ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް
SHARE
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ޚަރަދު ކުޑަކުރުމަށްޓަކައި ކަމަށާއި, ސިޔާސީ ގޮތުން މުވައްޒަފުން ވަކި ނުކުރާނެކަމަށް ވެވަޑައިގެންފައިވާ ވައުދާ ޚިލާފު ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޔާސީ މަގާމުތައް ފިޔަވައި އެހެން މަގާމުތަކުގައި ތިބޭ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެކަމަށް, ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް, މި ވައުދުފުޅާ ޚިލާފަށް ވަޒީފާތަކުން މީހުން ވަކިކުރާކަމުގެ ޝަކުވާ މިފަހުން ވަނީ ފެންމަތިވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ވޭތުވެދިޔަ ދެ އަހަރު ވެސް ފުއްދަވާފައި ވާކަމަށެވެ. އެގޮތުން, ސަރުކާރާ ހަވާލުވި ފަހުން ވެސް, ސިޔާސީ މަގާމުތައް ނޫން އެހެން މަގާމުތަކުގައި ތިބި މުވައްޒަފުން އެ މަގާމުތަކުން ވަކިކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެ ބޮުޑު ބަދަލަކަށް އައީ މިއަހަރު ފެށިގެންދިޔަ އިރުގައި ދުނިޔެއަށް މިއައި ކަންތައް. ހަނގުރާމަ. ހަނގުރާމަ އައީމަ މިވާގޮތަކީ އަޅުގަނޑުމެން އެބަޖެހޭ ޚަރަދުތައް ކުޑަކުރަން," ރައީސް ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަުން ޚަރަދުތައް ކުޑަކުރަން ނިންމިއިރު, އޭގެ ކުރިން ވެސް ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ވެސް 10 ޕަސަންޓު ކުޑަކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހަނގުރާމަ އައީމަ ދެން މާބޮޑުތަކުން ޚަރަދުތައް ކުޑަކުރަން ޖެހިއްޖެ. އެހެންވީމައި ކުންފުނިތައް ރައިޓްސައިޒް ކުރުމޭ މި ދަންނަވާހެން ކުންފުންޏަނަކށް ބޭނުންވާ އަދަދަށް މީހުން މަދުކުރުމަކީ މަޖުބޫރު ކަމެއް, މާ ބޮޑަށް މަޖުބޫރު ކަމަކަށް ވެއްޖެ މިހާރު,އެކަން ކުރުމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އަޅާ ޕޮޒިޓިވް ފިޔަވަޅެއް. " ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުން ޕެކޭޖުތައް ވެސް ހަދައި މަސައްކަތް ކުރަމުން ދާކަމަށެވެ.
"އެހެންވީމައި އަޅުގަނޑު ވީ ވައުދަކާ ޚިލާފެއް ނުވަން ވައުދުވީގޮތަށް ސަރުކާރު ބަދަލުވަމުން އައިއިރު ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދަށް ތިބޭނެ,"
ކުންފުނިތަކުގެ އުސޫލުގެ ދަށުން މުވައްޒަފުން ވަކިކުރުމަކީ ކޮންމެ ކުންފުންޏެއްގައި ވެސް އޮންނަ ކަމެއްކަމަށާއި އެއީ ވައުދާ ޚިލާފުވުން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި ފެނަކަ އާއި އެޗްޑީސީން ވަނީ އިނާޔަތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައެވެ.
ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ބޭރުން, ސިޔާސީ ހަމަލާއެއްގެ ގޮތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ. މިކަމާ ގުޅިގެން މިމަހުގެ 18ވަނަ ދުވަހު ވަނީ މާލޭގައި މުޒާހަރާ ވެސް ކޮށްފައެވެ.



