ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން، އެ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ގެނައި ބަދަލެއް ކަމަށެވެ.
އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންގެ ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކެޓަގަރީގެ ދަށުން ކުރިން އޮތް ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވުން ކަމަށްވީ ނަމަވެސް، މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާނަމަ ފްލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނެސްފައެވެ.
މީގެ އިތުރުން، އެ މީހެއްގެ ނުކުޅެދުންތެރިކަމަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި، ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށް، މާލޭގައި އުޅެންޖެހޭ މުއްދަތު ކުޑަކޮށްދިނުމަކީ ގިނަ ބަޔަކަށް މީގެ މަންފާ ކުރާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

.jpg&w=3840&q=75)


