ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހުށަހެޅި ފޯމުތައް ވެރިފައިކުރަން ފަށައިފި
މިރާޝް މޫސާ

SHARE
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި 58،505 ފޯމުގެ މައުލޫމާތުތައް ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ރަސްމީކޮށް ފަށައިފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގާއިމުކުރި ހައުސިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މި މަރުހަލާގައި ފޯމު ހުށަހެޅި ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތައް ދައުލަތުގެ އެކި އިދާރާތަކުން ލިބެން ހުރި މައުލޫމާތުތަކާ އަޅާކިޔައި ކްރޮސް ވެރިފިކޭޝަން ހަދާނެ އެވެ. މި މަސައްކަތަށް ހޭދަވާނެ ސީދާ މުއްދަތެއް މިނިސްޓްރީން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ބެލެވެ އެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް ވުމުން، މި މަސައްކަތް ވަރަށް ފަރުވާތެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި މަހުގެ 15 ގެ ނިޔަލަށް ހުޅުވާލި މި ފުރުސަތުގައި ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. މި ފަހަރު ބޭނުންކުރި ބޯހިޔާވަހިކަން ޕޯޓަލަކީ ފޯމު ހުށަހަޅަމުންދާ ވަގުތު ވެސް އެ މީހަކީ ޝަރުތުހަމަވާ މީހެއްތޯ އެނގޭ ގޮތަށް އަދި ލިބުނު ޕޮއިންޓުގެ ތަފްސީލު ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ހާއްސަކުރި 4،000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް ހާއްސަ 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓު ހިމެނެއެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. މިހާރު ވެސް އެ ރަށުގެ ބޮޑު ބައެއް ހިއްކާފައިވާއިރު، ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށްދާ ފްލެޓު މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް މަސައްކަތްތައް ފަށާފައިވާއިރު، މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެވެ.

.jpg&w=3840&q=75)

