ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް އިތުރަށް ތަނަވަސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރަނީ
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެއަށް ވުރެ ތަނަވަސް ބޯހިޔާވަހިކަމެއްގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓުތަކެއް ހަރުކޮށް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދެ ކޮޓަރީގެ ފްލެޓްތަކަށް ބަދަލުވި ގިނަ އާއިލާތަކުގެ މެމްބަރުން އިތުރުވެ، އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމެއް އެއްގޮތަކަށް ވެސް ނެތް މީހުންނަށް އިސްކަންދޭން ޖެހުނު ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ މިހާރު ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރު ހަރުފަތަކަށް ގެންދެވޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ވަގުތު މިކަމުގެ ތަފުސީލުތައް ހާމަކުރައްވަން ދަތިކަމަށް ވިދާޅުވަމުން، މިނިސްޓަރު ވަނީ މި މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް ދެހާހެއްހާ މީހުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއްކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.
މީގެ އިތުރުން، ބޮޑު އާބާދީއަކަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.
ހިޔާ ސަރަހައްދުގެ ހުސް ބިންތަކުން ގޯތި ދޫކޮށްފައިވުމުގެ ސަބަބުން، ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



