
SHARE
މިއަހަރުގެ ހުޅަނގު މޫސުން މުޅި ރާއްޖެއަށް ފެށިފައިވާކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށިފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އާންމު އުސޫލުން ހުޅަނގު މޫސުމުގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.
އެއަށްފަހު މެދުތެރޭގެ އަތޮޅުތަކަށް ފެތުރި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުން ފެށެއެވެ.
ހުޅަނގު މޫސުން ފެށުނުކަން ކަނޑައެޅުމުގައި މޫސުމާ ބެހޭ އިދާރާއިން ބަލާ މައިގަނޑު ދެ ކަންތަކީ ވާރޭވެހުމާއި ވަޔަށް އަންނަ ބަދަލުތަކެވެ. އެގޮތުން މެއި މަހުގެ 1 ވަނަ ދުވަހުގެ ފަހުން، ދެކުނުގެ އަތޮޅުތަކުގެ ސްޓޭޝަންތަކުގެ 60 އިންސައްތައަށް ވުރެ ގިނަ ތަންތަނަށް 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުމަކީ މިންގަނޑެކެވެ.
މީގެ އިތުރުން، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގުން ހުރެފައި، ވައިގެ ބާރުމިން ގަޑިއަކު 10 ނޮޓަށް ވުރެ ބާރުވާން ޖެހެއެވެ.
މި ހާލަތްތައް ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދެމިއޮތުމުން ހުޅަނގު މޫސުން ފެށުނީ ކަމަށް ބަލައެވެ.
ރާއްޖޭގެ މޫސުން ބަހާލެވިފައިވާ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމަކީ އާންމުގޮތެއްގައި މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
ރާއްޖޭގައި އޮންނަ އަނެއް މޫސުމަކީ އިރުވައި މޫސުމެވެ. އިރުވައި މޫސުން އާންމުގޮތެއްގައި ދެމިއޮންނަނީ ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ.
މޫސުމަށް އަންނަ މި ބަދަލުތަކާ ގުޅިގެން ސަމާލުވުމަށް މެޓް އޮފީހުން އަބަދުވެސް އިރުޝާދު ދެއެވެ.


.jpg&w=3840&q=75)
.jpg&w=3840&q=75)
