ރާއްޖެއަށް ބިންހެލުމެއް އަންނާނެކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
މީސްމީޑިއާގައި ފަތުރަމުންދާ ބިންހެލުމުގެ އިންޒާރުގެ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ބިންހެލުމެއް އަންނާނެކަމަށް ބުނެ ފަތުރަމުންދާ އިންޒާރުގެ މެސެޖުތައް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދޮގުކޮށްފިއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުންތައް އަންނާނެ ސީދާ ވަގުތާއި ތާރީހެއް އަދި އަންނާނެ ސީދާ ތަނެއް ކުރިއާލައި ދެނެގަނެވޭނެ ސައިންޓިފިކް އެއްވެސް ގޮތެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖުތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކައިރިއަށް 5.2 ގެ ބާރުމިނުގެ ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އަންނާނެކަމުގެ އިންޒާރު ލިބިފައިވާކަމަށެވެ. އަދި އޭގެ އަސަރު ރާއްޖެއަށް ކުރާނެކަމަށްވެސް އެ މެސެޖުތަކުގައި ބުނެފައިވެއެވެ. ނަމަވެސް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނުވާކަން ކަށަވަރުކޮށްދީފައެވެ. ދިގު މުއްދަތަށް ބަލާއިރު ބިންހެލުން އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ނަމަވެސް، ވަކި ތާރީހެއް ނުވަތަ ވަގުތެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އަބަދުވެސް ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންދާކަން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖެއަށް އަސަރުކުރާ ފަދަ ގުދުރަތީ ކާރިސާއެއްގެ ނުރައްކާ ދިމާވެއްޖެނަމަ، އެ މައުލޫމާތު އެއްވެސް ލަސްކުރުމެއް ނެތި އާއްމު ރައްޔިތުންނާ ހިއްސާކުރާނެކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.



