ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން އިލްތިމާސްކޮށްފި

އަޙްމަދު ސަދޫފް މޫސާ
.jpg&w=3840&q=75)
ވިއްސާރަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
SHARE
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

ކޯސްޓްގާޑުން ވަނީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް އިރުޝާދު ދީފައެވެ. އަދި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް ވަނީ އެދިފައެވެ.
ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާ އުފުލާއިރު ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން ވަނީ ހަނދާންކޮށްދީފައެވެ. ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ލައިފްޖެކެޓް އެޅުމަށާއި، ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރުފަތުރުގެ އިތުރުން، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ. ވަކިން ޚާއްޞަކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.


