logo

ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީގެ 73 މެމްބަރުން ސޮއިކުރެއްވި

ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީގެ 73 މެމްބަރުން ސޮއިކުރެއްވި

SHARE

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަން ކުރާ ޕީއެންސީގެ 73 މެމްބަރުންގެ ސޮޔާއެކު ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ގަރާރުގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނާޒިމްގެ މައްސަލަ ހުށަހަޅަނީ އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒު ފައިދާ ނަންގަވަމުން ގެންދަވާތީއެވެ. އަދި މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދަވައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސަބުވެފައިވުމުގެ ސަބަބުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދެއްވާފައިވާ ކަމަށް މެންބަރުން ބުނެއެވެ.

އަދި މަގާމުގެ ޒިންމާތަކުން ބަރީއަވެވަޑައިގެންފައިވާ ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަން ސާފުވާން އޮތްއިރު، އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި އެމަނިކުފާނު އިހުމާލުވެފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންގެ ސޮޔެވެ. ނަމަވެސް މި މައްސަލަ ހުށަހަޅާފައިވަނީ ޕީއެންސީގެ 73 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކާ އެކުގައެވެ.

ޤާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅުމުން، އެކަމާ ގުޅޭ 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ނައިބު ރައީސަށް ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް، އޭނާ މަޤާމުން ވަކިކުރުމަށް ނަގާ ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނާޒިމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންވެސް ވަކިކޮށްފައެވެ.

އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުންވެސް އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ބޭރުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d