ނައިބު ރައީސްކަމުން ވަކިކުރަން ބަހުސް ފެށެން ވަނިކޮށް ނާޒިމް އިސްތިއުފާދެއްވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލްކޮށް، ބަހުސް ފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް ހުށަހެޅި މި ގަރާރުގެ ބަހުސް ފެށުމުގެ ކުރިން ނާޒިމް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ނެރުއްވި ޚާއްޞަ ބަޔާނެއްގައި، އޭނާގެ މައްޗަށް ޕީއެންސީގެ މެންބަރުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ހަރުކަށި އިބާރާތުން ދޮގުކުރައްވާފައިވެއެވެ.
ޕީއެންސީން ހުށަހެޅި ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުމުގެ މައްސަލައެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކުރެއްވި ކަމަކުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މިއިން ދުވަހަކު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަގާމުގެ ވާޖިބުތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، މެންބަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތް ހަމަހަމަ އުސޫލަކުން ކަމަށެވެ.
"އެއްވެސް ހާލެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށް، ނާޖާއިޒު ފައިދާއެއް ނަގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، ޕީއެންސީގެ މެންބަރުން ހުށަހެޅި ގަރާރުގައިވަނީ ޙަޤީޤަތެއް ނޫން ކަމަށްވިޔަސް، އިންތިޚާބީ މަގާމަކަށް ވޯޓުލީ މީހުން އެ މަގާމުން ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ގަބޫލުކުރައްވާތީ އެ ނިންމެވުން ނިންމެވީ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނާޒިމް ވަކިކުރުމުގެ ވޯޓު ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތް ނަމަވެސް، ޖަލްސާ ފެށުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ މިހާރު ވަނީ މަޖިލީހުން ނިމުމަކަށް އައިސްފައެވެ.

