މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ގައިޑު ފެނުނީ 60 މީޓަރު އަޑިން އެމީހުން ބަލަން ދިޔަ ކޭވްގެ ކައިރިން!

އަޙްމަދު ސަދޫފް މޫސާ

SHARE
ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ މީހުންގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ޑައިވް ގައިޑު ފެނިފައިވަނީ 60 މީޓަރު އަޑިން، އެމީހުން ބަލަން ދިޔަ ކޭވް ނުވަތަ ހޮހަޅަ ކައިރިންކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު އިޓަލީގެ ފަސް މީހުން ދިޔައީ 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ބަލައި ދިރާސާކުރާށެވެ. މިއީ އާންމުކޮށް ރެކްރިއޭޝަނަލް ޑައިވިންއަށް ކަނޑައަޅާފައި އޮންނަ 40 މީޓަރުގެ މިންގަނޑަށްވުރެ މާ ފުން ސަރަހައްދެކެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ޑައިވް ގައިޑު ފެނިފައިވަނީ އެ ހޮހަޅައިގެ ކައިރިންނެވެ.
މި ޑައިވްއަކީ ދިރާސާކުރުމުގެ ޑައިވްއެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ޑައިވައެއްކަން އެނގިފައިވެއެވެ. އެހެން ނަމަވެސް، ރާއްޖޭގައި ދިރާސާޑައިވް ކުރާނަމަ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭއިރު، އެ ފަސް މީހުން އެފަދަ އެއްވެސް ހުއްދައެއް ހޯދާފައިނުވާ ކަން ވަނީ އެނގިފައެވެ.
މިހާތަނަށް މަރުވެފައި އޮއްވައި ފެނުނު އިޓަލީގެ ގައިޑުގެ ހަށިގަނޑު ހޯދައި ނަގާފައިވާއިރު، މި ހާދިސާގައި ގެއްލުނު އަނެއް ހަތަރު މީހުން ހޯދުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ފޮނުވި މެސެޖެއްގައި ގެއްލުނު އެންމެން ފެނިފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން ވަނީ އެއީ މައުލޫމާތުގެ އޮޅުމެއް ކަމަށް ބުނެ އެކަން އިސްލާހުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.


