ވެރިކަމަށް އައިއިރު މި ގައުމު އޮތީ އެހެން ގައުމެއްގެ އަޅުވެތިކަމުގައި: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތީ އެހެން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި، ނަމަވެސް މިހާރު އެކަން ބަދަލުކޮށް "މޯލްޑިވްސް ފަސްޓް" ސިޔާސަތު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަކި ގައުމަކަށް ބުރަވެފައި ކަމަށެވެ. އަދި އެ ގައުމެއްގެ ހުއްދަ ނުހޯދައި، އެ ގައުމާ ވާދަވެރި ގައުމަކަށް އެއްވެސް ވަފުދެއް ފޮނުވުމުގެ މިނިވަންކަން ވެސް އޭރު ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެ ގައުމުގެ އެޕްރޫވަލް ނުހޯދައި، އެ ގައުމާ ވާދަވެރި ގައުމަކަށް އެއްވެސް ކަހަލަ ވަފުދެއްވެސް ނުފޮނުވޭ ހިސާބަށް އޭރު އޮތީ އަޅުވެތިވެފަ،" ރައީސް ވިދާޅުވިއެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ހާރިޖީ ދާއިރާ ހަމަޖެހޭ މިސްރާބަކަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ދިވެހި ގައުމަށް އިސްކަންދޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި، އޭގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަކީ ބަސްވިކޭ، އިހުތިރާމް ލިބިގެންވާ ގައުމަކަށް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް އެންމެ މުހިންމީ ދިވެހި ރައްޔިތުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އިސްކަންދެއްވާނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް ކަމަށެވެ.
މި ސިޔާސަތުގެ ދަށުން އަވައްޓެރި ގައުމުތަކާއި، ދުރުގައިވާ ބޮޑެތި އަދި ކުދި ގައުމުތަކާއެކު ވެސް ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިހާރު ގެންގުޅޭ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ފޮނި ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެންނާނެ ކަމަށާއި މިހާރު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގެންފައިވާ މުހިންމު ޕާޓްނަރެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.



