އދ.ގެ އިގްތިސާދާ ބެހޭ ކޮމެޓީގެ ވައިސް ޗެއާއަކަށް ރާއްޖޭގެ އަޒްހާން

އަޙްމަދު ސަދޫފް މޫސާ

SHARE
އދ.ގެ އިގްތިސާދީ އަދި މާލީ ކަންކަމާ ބެހޭ ދެވަނަ ކޮމެޓީގެ ވައިސް ޗެއާގެ މަގާމަށް ރާއްޖޭގެ ހުސައިން އަޒްހާން އިންތިޚާބުކޮށްފިއެވެ.

އދ. ގެ އާންމު މަޖިލީހުން އަޒްހާން މި މަގާމަށް އިންތިޚާބުކުރުމާ ގުޅިގެން، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަލީ ނަސީރު ވިދާޅުވީ، ރާއްޖޭގެ މިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަޒްހާން މި މަގާމަށް އިންތިޚާބުވުމަކީ އޭނާގެ ފަންނީ ގާބިލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިއީ އދ. ގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ އިސް ދައުރާއި، ރާއްޖޭގެ ލީޑަޝިޕަށް އޮތް އިތުބާރު ރަމްޒުކޮށްދޭ އިންތިޚާބެއްކަންވެސް ދާއިމީ މަންދޫބު ފާހަގަކުރެއްވިއެވެ.
އަޒްހާން މި މަގާމަށް އިންތިޚާބުވުމާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ތަހުނިޔާ ފޮނުވަމުންނެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަލީމް ވެސް ވަނީ އަޒްހާނަށް ތަހުނިޔާ ދަންނަވާފައެވެ. ސަލީމް ވިދާޅުވި ގޮތުގައި މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެކެވެ.
އދ. ގެ ދެވަނަ ކޮމެޓީއަކީ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، މާލީ ދާއިރާއާ ގުޅުންހުރި މުހިންމު ސިޔާސަތުތައް ކަނޑައެޅުމުގައި އިސް ދައުރެއް އަދާކުރާ ކޮމެޓީއެކެވެ.


