ރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ ވަން ޗައިނާ ޕްރިންސިޕަލްއަށް: ސަރުކާރު

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން --
SHARE
ދިވެހި ސަރުކާރުން "ވަން ޗައިނާ ޕްރިންސިޕަލް" ނުވަތަ އެއް ޗައިނާގެ ސިޔާސަތަށް އޮތް ސާބިތުކަން އަލުން ކަށަވަރުކޮށްދީ، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ބަލައިގަންނަކަން އަލުން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުން ބޮޑު މި ދަނޑިވަޅުގައިވެސް، ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީއްސުރެ ރާއްޖެއިން ގެންގުޅެމުންދާ ދެގޮތެއްނުވާ ސިޔާސަތު ދަމަހައްޓާނެ ކަމަށެވެ. އެގޮތުން، އދ. ގެ އާންމު މަޖިލީހުގެ ގަރާރު 2758 އާއި ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ބައިނުކުރެވޭނެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ޗައިނާއާއެކު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން ޗައިނާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރެވެ. އެއަށްފަހު ފާއިތުވީ ދިގު މުއްދަތުގައި ރާއްޖެއިން އަބަދުވެސް އަންނަނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް އޮންނަ ތާއީދު ދަމަހައްޓަމުންނެވެ .
"ވަން ޗައިނާ ޕްރިންސިޕަލް"ގެ އުސޫލަކީ ޗައިނާގެ ސަރުކާރާއެކު ބައިނަލްއަގުވާމީ ގުޅުންތައް ބާއްވާ ހުރިހާ ގައުމުތަކަކުންވެސް އިހުތިރާމްކުރަންޖެހޭ އުސޫލެކެވެ. މީގެ ދަށުން، 1971 ވަނަ އަހަރު އދ. އިން ފާސްކުރި 2758 ނަންބަރު ގަރާރަށް ބިނާކޮށް، ޓައިވާނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި އެއީ ޗައިނާގެ ބައިނުކުރެވޭނެ ބައެއްގެ ގޮތުގައި ޗައިނާއާ އެކު ގުޅުން ބާއްވާ ގައުމުތަކުން ރަސްމީކޮށް ގަބޫލުކުރެއެވެ.


