6 ފަހަރަށް ވޯޓުލައިގެން ވެސް މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވުނު

އަޙްމަދު ސަދޫފް މޫސާ

SHARE
އާ ދައުރަށް އިންތިހާބުވި އދ. މަހިބަދޫ ކައުންސިލްގެ މެންބަރުން މަގާމުގެ ހުވާކުރުމަށްފަހު، ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި ހަ ފަހަރު ވޯޓުލައިގެން ވެސް ނައިބަކު އިންތިހާބު ނުކުރެވި ކައުންސިލްގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މަހިބަދޫ ކައުންސިލަށް އާ ދައުރަށް ހޮވުނު ފަސް މެންބަރުން ވެސް އިއްޔެ ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.
މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު އާއި، ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫން ގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެންބަރު ބުންޏާމީން ހަސަން އެވެ.
ނައިބު ރައީސް ހޮވުމަށް ނެގި ފުރަތަމަ ވޯޓުގައި ޒައީމާ މުހައްމަދަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، މުހައްމަދު މައުމޫނަށް ވެސް ލިބިވަޑައިގަތީ 2 ވޯޓެވެ. އަދި ބުންޏާމީން ހަސަނަށް ލިބިވަޑައިގަތީ 1 ވޯޓެވެ. ދެ މެންބަރުންގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން އިތުރު ފަސް ފަހަރު ވޯޓު ނެގި ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެއް ވޯޓު ބާތިލުވުމުގެ ސަބަބުން ނަތީޖާ އަންނަނީ އެއްވަރުވަމުންނެވެ.
ފަހުން ނެގި ފަސް ވޯޓުގެ ނަތީޖާ އަކީ:
- ޒައީމާ މުހައްމަދު (އެމްޑީޕީ): 2 ވޯޓު
- މުހައްމަދު މައުމޫން (ޕީއެންސީ): 2 ވޯޓު
- ބާތިލް ވޯޓު: 1 ވޯޓު
ގާނޫނު ބަޔާންކުރާ ގޮތުން، ކައުންސިލް މެންބަރުން އިންތިހާބުވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލްގެ ނައިބު ރައީސް އިންތިހާބު ކުރަން ޖެހެ އެވެ. ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭނީ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ފަހުގަ އެވެ. ނަމަވެސް މިހާތަނަށް ނައިބަކު ހޮވިފައި ނުވާތީ ކައުންސިލްގެ ހިންގުން ވަނީ މަޑުޖެހިފަ އެވެ.


