ހަތްވަނަ ފަހަރު ވޯޓު ލައިގެން ވެސް މަހިބަދޫ ނައިބު ނުހޮވުނު: މިރޭ އަނެއްކާ ވޯޓު ނަގަނީ!

ޢާލިމް އަބްދުއްލަތީފް

SHARE
ހަތްވަނަ ފަހަރަށް ވޯޓު ލައިގެން ވެސް އދ. މަހިބަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނު ނުކުރެވުނުކަން އެނގިއްޖެއެވެ.

މިއަދު ހެނދުނު ވަނީ ނައިބު ރައީސް ހޮވުމަށް ހަ ފަހަރަށް ވޯޓު ނަގައިފައެވެ. އެކަމަކު، އެ ކަން ކާމިޔާބު ނުވުމުން ހަތްވަނަ ފަހަރަށް ވޯޓު ނެގީ މެންދުރު 1 ޖެހި އިރު ބޭއްވި ބައްދަލުވުމެއްގައެވެ.
މަހިބަދޫ ކައުންސިލް ނައިބު ރައީސްކަމަށް ވާދަކުރެއްވީ ފުރަތަމަ ތިން ބޭފުޅުންނެވެ. އެއީ އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނުގެ އިތުރުން ބުންޔާމީން ހަސަންއެވެ.
ނައިބު ރައީސް ހޮވުމަށް ނެގި ފުރަތަމަ ވޯޓުގައި ޒައީމާއަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު މައުމޫނަށް ވެސް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި ބުންޔާމީނަށް ލިބުނީ އެންމެ ވޯޓެކެވެ.
މެންބަރުންގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން އިތުރު ފަސް ފަހަރު ވޯޓު ނެގި ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއް ވޯޓު ބާތިލުވުމުގެ ސަބަބުން ނަތީޖާ އަންނަނީ އެއްވަރުވެގެންނެވެ.
ފަހުން ނެގި ވޯޓުތަކުގައި ޒައީމާއަށް ދެ ވޯޓު އަދި މައުމޫނަށް ވެސް ދެ ވޯޓު ލިބުނުއިރު ބާކީ އެއް ވޯޓު ވީ ބާތިލެވެ. އެންމެ ފަހުން ހަތްވަނަ ފަހަރު ވެސް ވޯޓުގެ ނަތީޖާ ނުކުތީ މިހެންނެވެ.
ނައިބު ރައީސްގެ މަގާމަށް މީހަކު އައްޔަނުކުރަން މިރޭ 9 ޖަހާއިރު އަނެއްކާ ވެސް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ. އެހެން ނަމަވެސް، އަދިވެސް އެއްވެސް ޕާޓީއަކުން ގޮތް ދޫކުރަން ބޭނުން ނުވާކަން އެނގިފައިވެއެވެ.


