ރާއްޖެއަށް އިންގިލާބެއް: "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް އިފްތިތާހުކޮށްފި
ސައިފުﷲ އަލީ

ރާއްޖޭގެ ފުރަތަމަ އޭއައި ލެބް އިފްތިތާހުކުރުން --
SHARE
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ރާއްޖޭގެ ފުރަތަމަ ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލެބް އިފްތިތާހުކޮށްދެއްވީ ޓެކް މިނިސްޓަރު އަލީ އިހުސާންއެވެ. މި މަރުކަޒު އިފްތިތާހުކުރުމާއެކު، އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ބާއްވާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތް "ކޯ.ލެބް 26" ވެސް ވަނީ ފަށާފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން މި ދުވަސްތަކުގައި ކަނޑައެޅިގެންދާނެއެވެ. ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ ހާއްސަ ހެކަތަންއެކެވެ. މި ހެކަތަންގައި ދެ ޓްރެކެއް ހިމެނޭއިރު، އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ "ސްވައިޕް އޭޕީއައި" ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އޭއައިގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ހިރާސްތައް މެނޭޖުކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން އަވަސް ނިންމުންތައް ނިންމުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ. ޓެކްނޮލޮޖީއަކީ މިހާރު ހަމައެކަނި މަސައްކަތަށް އެހީތެރިވެދޭ އެއްޗެއް ނޫން ކަމަށާއި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރާ މުހިންމު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވެސް ވަނީ މިފަދަ ގައުމީ މަރުކަޒެއްގެ ސަބަބުން ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރުސަތު ލިބި، ރާއްޖޭގެ ސަގާފަތާއި މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު އަލީ އިހުސާންގެ ވާހަކަފުޅުގައި، އޭއައި އަކީ ރާއްޖެއަށް ހަމައެކަނި 'ކުރިމަތިވާ' ކަމެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށާއި، މި ލެބް މެދުވެރިކޮށް އޭއައި ބޭނުންކުރާނީ ދިވެހިންގެ ލާބައަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މޯލްޑިވްސް އޭއައި ލެބަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ގާބިލުކަން އުފެއްދުމަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ހެކަތަންގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް colab.mv މެދުވެރިކޮށް މިހާރު ރަޖިސްޓާ ކުރެވޭނެއެވެ.


