ޝަހުޒާން އަދި ލީވާން ވަކި ގޮޅިއަކަށްލީ އެމީހުން ތިބި ގޮޅިން ފޯނެއް ފެނިގެން: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

SHARE
ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވި މައްސަލައިގައި ޖަލަށްލި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އާއި މުހައްމަދު ޝަހްޒާން ވަކި ގޮޅިއަކަށް ބަދަލުކުރީ އެމީހުން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނިގެން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ޚިލާފުވި މައްސަލައިގައި އެ ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި ޝަހްޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދެ ނޫސްވެރިން ޖަލުގައި އެންމެ ފުރަތަމަ ތިބީ އެއް ގޮޅިއެއްގައެވެ. އެހެން ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި ފަހުން ވަނީ ލީވާން ވަކިގޮޅިއަކަށް ބަދަލުކޮށްފައެވެ.
އެކަމަށް އިޝާރަތްކުރަމުން އިއްޔެ ޖަލުން މިނިވަންވި ޝަހްޒާން ބުނީ، ޝަހްޒާން އަދި ލީވާން ޖަލަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަމުރުފުޅަށް ކަމަށާއި، ކޮންމެ ރެޔަކު ޖަލު އޮފިސަރުންގެ ގްރޫޕުތަކުން އޭނާ ބަހައްޓައިފައި ހުރި ޖަލު ގޮޅިއަށް ވަދެ ނިދާ އެދާއި ތަކެތި ތަޅައި ހަލާކުކުރި ކަމަށެވެ.
ޝަހްަޒާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ ޝަހްޒާން ބުނެފައިވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، މި މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ޝަހްޒާން އާއި ލީވާން ތިބި ގޮޅި ބަލައި ފާސްކުރިއިރު، އެމީހުންގެ ހާޒިރުގައި ގޮޅީގެ ކަބަޑު ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖަލުގެ އުސޫލުތަކުގެ ދަށުން އެ ދެމީހުން މޮނިޓަރު ކުރުމަށްޓަކައި ވަކި ދެ ގޮޅިއަކަށް ބަދަލުކުރެވުނު ކަމަށާއި، އަދި ވަކި ވަގުތުތަކެއްގައި އެ ގޮޅިތައް ބަލައި ފާސްކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަންކަމަކީ ވަކިގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމުގައި އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ނޫސްވެރިއަކު މި ދެމީހުން ވަކި ގޮޅިތަކެއްގައި ތިބި މައްސަލައިގައި ސުވާލުކުރުމުން އެކަން ސާފުކޮށްދެއްވި ކަމަށާއި، ނަމަވެސް އެއްވެސް ނޫހަކުން އެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީ ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، މިކަމުގެ މައުލޫމާތު ލިބުނު ނޫސްވެރިން އެ މައުލޫމާތު ހާމަކުރިނަމަ ޝަހްޒާން ހަދަނީ ދޮގުކަން ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


