SHARE
ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ވެއިޓަރަށް ވަޅިން ހަމަލާދީ މަރާލިކަން، އެތަނުގެ ޕާކިސްތާނު ޝެފް މުހައްމަދު އާބިދުގެ މައްޗަށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ނަމްބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހިނގި މި ހަމަނުޖެހުމުގައި، ބަންގްލަދޭޝްގެ ވެއިޓަރެއް ކަމަށްވާ ޝަމީމްގެ ބޮލަށާއި މެޔަށް ވަނީ ވަޅިން ހަމަލާދީފައެވެ. މި މައްސަލައިގައި ދައުލަތުން މުހައްމަދު އާބިދުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި މި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނެއެވެ.
މި ދައުވާއަށް ކޯޓުގައި އާބިދު ވަނީ އިންކާރުކޮށްފައެވެ. އޭނާގެ ދިފާއުގައި ބުނެފައިވަނީ ވެއިޓަރަށް ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި، ހަމަލާދިން ވަގުތު އަތުގައި އޮތީ ވަޅިއެއްކަން ނޭނގޭ ކަމަށެވެ. އަދި ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި ވެއިޓަރު އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ހުރީ ބޯބުރާންތިވެފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި އާބިދުގެ ފަރާތުން އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ، އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް ކަމަށް އާބިދު ބުނި ނަމަވެސް، އެއީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއްކަން ހެކިންގެ ހެކިބަހުންނާއި ކަން ހިނގާފައިވާ ގޮތުން އެނގޭ ކަމަށެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާއެކު ކަމަށާއި، އެއީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއްކަން ތަސައްވުރު ކުރެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން، އާބިދުގެ މައްޗަށް ގަސްދު މަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. އާބިދުގެ މައްޗަށް އަދަބު ކަނޑައަޅާނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުގައެވެ. ވާރިސުން ބޭނުންވެއްޖެނަމަ މަރުގެ އަދަބު ކަނޑައެޅޭނެއެވެ. ނޫންނަމަ، އަންނާނީ ޖަލު ހުކުމަކާއި މަރުގެ ދިޔަ ދިނުމުގެ އަދަބެވެ.
.jpg&w=3840&q=75)

