މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް
ފާތިމަތު މިޝްކާ

މާވިން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާ
SHARE
މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މޭރީ އާއި މާވިންއަކީ އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ދެ ނަރުހުންނެވެ. އެ ދެ މީހުންގެ ކައިވެންޏަށް ދަރިޔަކު ވެސް ލިބިފައިވެ އެވެ.
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ނިންމީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ގުޅޭގޮތުން ދިރާސާކުރުމަށް މާވިންގެ ފަރާތުން އެދުމުން ހުކުމް ކުރާ ތާރީހެއްގެ ގޮތުގައި ޖުލައި އެކެއް އެ ދުވަހު ކަނޑައެޅި އެވެ.
އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތުގެ ވަކީލަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލު ވަނީ ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް އެދިފަ އެވެ. އެއީ މާވިން މި އަމަލު ހިންގީ ލޯބީގެ ގޮތުން ގުޅުން ބާއްވަމުންދިޔަ ހަލީމަތު ލަމްހާއާ އެކު އެ ގުޅުން ކުރިއަށް ގެންދިޔުމަށް ސީދާ އަމިއްލަ އެދުމުގައި ކަމަށްވެފައި މިއީ ޒިންމާދާރު މަގާމެއްގައި ހުރެ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހަކަށްވެ ހުރެ މިފަދަ އަމަލެއް ހިންގުމަކީވެސް ބަލަައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ދަރިފުޅުގެ ބައްޕައަށް ވެ ހުރެ ދަރިފުޅުގެ މަންމަ މަރާލައި ބީރައްޓެހި ގައުމަކަށް އެ ކުއްޖާ ބިކަކޮށްލުމަކީ ވެސް އެ ކުއްޖާއަށް ވެސް ލިބޭނެ ބޮޑު ގެއްލުމެއްކަން ފާހަގަ ކުރެއްވި އެވެ.
ދިފާއުގައި މާވިންގެ ވަކީލު ވިދާޅުވީ މާވިން އަކީ "ގުޑް ކެރެކްޓަރ" ނުވަތަ މީގެ ކުރިން ކުށުގެ ރިކޯޑެއް ނެތް ރަނގަޅު މީހެއް ކަމަށެވެ. އަދި މިހާރު އިސްލާމްވެ ނަން ޔޫސުފަށް ބަދަލު ކޮށްފައިވާތީވެސް އަދަބު ލުއިކޮށްދިނުމަށް އެދިފައިވެ އެވެ.
އެހެންނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ 25 އަހަރަށް މާވިން ޖަލަށް ލުމަށެވެ.
މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހިގެން މަރުވެގެން ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނި ނަމަވެސް ފުލުހުންގެ ތަހުގީގަށް ފަހު މޭރީ މަރާލިކަން ހާމަވެފައިވެ އެވެ. އެހެންނަމަވެސް އޭނާ ދަންޖެހިގެން މަރުވިކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތް ކަމަށް މޭރީގެ ހަށިގަނޑު ބެލި ޑޮކްޓަރުގެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
މޭރީގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމުން އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންކަން ހާމަވެފައިވެ އެވެ.
މޭރީ މަރާލާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެފައިވެ އެވެ. އެގޮތުން އިންޖެކްޝަނެއް ބޭނުންކޮށްގެން މޭރީ މަރާލާނެ ގޮތް މާވިންއަށް ލަމްހާ ކިޔާދީފައިވާކަމަށް ދައުލަތުގެ ވަކީލުން ހާމަކޮށްފައިވެ އެވެ.
.jpg&w=3840&q=75)
