ނުކުޅެދުންތެރި މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ހުށަހެޅޭ ގޮތް ހަދައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގައި ބޮޑު ލުޔެއް ދީފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކުރި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދޭ ގޮތުގައި، ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 15 ޖޫން 2026 އެވެ. ނަމަވެސް، އެހެން ހުރިހާ ކެޓަގަރީތަކާއި ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 މޭ 2026 ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތަފްސީލަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް ހާއްސަކޮށްފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް ދިނުމަށް ހަމަޖެހިފައިވާއިރު، ހާއްސަ އިސްކަންދޭ ކެޓެގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

