ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

އަޙްމަދު ސަދޫފް މޫސާ

ސްޓޭޓް ފާމާއިން އައިޖީއެމްއެޗްގައި ހުޅުވި ފާމަސީ -- ނުކުތާ ފޮޓޯ: މާހިލް އާތިފް
SHARE
ސްޓޭޓްފާމާ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަޤްސަދުގައި، "ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ" ގެ ނަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި ފާމަސީއެއް މިއަދު ހުޅުވައިފިއެވެ.

މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ފާމަސީއެވެ.
މި ފާމަސީއަކީ ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ސްޓޭޓް ފާމާއިން އައިޖީއެމްއެޗްގައި ހުޅުވި ފާމަސީ -- ނުކުތާ ފޮޓޯ: މާހިލް އާތިފް
އެ ކުންފުނިން ބުނި ގޮތުގައި މި ފާމަސީން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމުކުރެވިފައެވެ. މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރިޔަށްގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އައިޖީއެމްއެޗް އާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެކުންފުނިން ބުނި ގޮތުގައި ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެގޮތުން "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން އެ ކުންފުނިން ދަނީ ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި، އެ މަސައްކަތުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން މިދިޔަ މަހުން ފެށިގެން ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
.jpg&w=3840&q=75)

