ހައްޖާޖީންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމަށް މަޝްވަރާކޮށްފި
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހައްޖުވެރިންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން އިންތިޒާމުކުރުމާ ގުޅޭގޮތުންނެވެ.
ސްޓޭޓް ފާމާއިން މަޢުލޫމާތު ދިން ގޮތުގައި، މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުންނެވެ. ނަމަވެސް، އެކަން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ބަދަލުގެ ސަބަބުން ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެއެވެ. އަދި އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ މައި ކުންފުނީގެ ހައިސިއްޔަތުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ މި ގުޅުމަކީ ގައުމީ މުއައްސަސާތަކަށް އެހީތެރިވެދެވޭނެ މުހިންމު ދާއިރާއެއް ކަމަށް ސްޓޭޓް ފާމާއިން ދެކެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ބޭސް ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހަމަޖެއްސުމެވެ.


